ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 ވެހިކަލެއްގެ ރަޖިސްޓަރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ހަފްތާގައި ބާތިލް ކޮށްފައެވެ. އެއީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއް ކަން ފާހަގަވުމާ އެކު، އެ އެއްޗެހީގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށް އެކަން އަންގައި ޢާންމު ކުރެއްވި ޢިއުލާންގައި އެ މިނިސްޓްރީން ވިދާޅުވެފަ ވެއެވެ.
މިނިސްޓްރު ނަހުލާ މިއަދު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި، ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ފެންނަމުން އަންނަ ކަމަށެވެ.
އެހެންކަމުން ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
''އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން. ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް. ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވަން.'' ނަހުލާ ވިދާޅުވެފަ ވެއެވެ.
މިކަންތައްތައް ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުން.
— Aishath Nahula (@aishath_nahula) October 6, 2022
ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅުއްވާނެ ކަމަށް މިނިސްޓަރ ނަހުލާ މިއަދު ވިދާޅުވެފައިވާއިރު، ގަވާޢިދުން ބޭރުން ރަޖިސްޓަރީކޮށްފައިވާ 98 ވެހިލެއްގެ ރަޖިސްޓަރީ މިހަފްތާ ތެރޭ ބާތިލު ކުރުމުގެ އިތުރުން މިިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި 37 އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!