ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން، ބަޙްރައިން ސަރުކާރުގެ އެހެން ބައެއް ޢިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، ދެޤައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވައެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގރ 8 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!