ހއ. ދިއްދޫގެ ރައްޔިތުންނަށް ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފެށި ޕްރޮގްރާމެކެވެ.

Ad
rt

އެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.

ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ޢަމަލުކުރަން ޖެހޭގޮތް އުނގަންނައިދީ، ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމްގައި އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކާއި، އަލިފާން ރޯވެއްޖެނަމަ ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތައް އަމަލީގޮތުން ބޭނުންކުރަން ދަސްކޮށްދޭނެ އެވެ.

މި ޕްރޮގްރާމް ހިންގުމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓްގެ ސިފައިން ނެވެ.