ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން، އެ މުބާރާތުގައި ބައިވެރިވެފައިވާ 12 ރަށުގެ މަޢުލޫމާތު މިއަދު އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަމް، ނެއްލައިދޫ، ނޭކުރެންދޫ، ކުމުންދޫ، ނޮޅިވަރަންފަރު، ކުރިނބީ، ހިރިމަރަދޫ، ނައިވާދޫ، ފިނޭގެ އިތުރުން ހަނިމާދޫއެވެ.
މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ. ނޮޅިވަރަމު ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު މި މުބާރާތައް އެ ރަށް ތައްޔާރު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މުބާރާތުގައި ކުޅުދުއްފުށީގެ ނަން ނެތުމުން ސޯޝަލް މީޑިއާގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ފާޑުކިއުން އަމާޒުވުމާއި ގުޅިގެން އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވަނީ ކުޅުދުއްފުށީގެ ނަން ނެތް ސަބަބު ހާމަކުރައްވާފައެވެ.
މިކަމާއި ގުޅިގެން މޭޔަރު މިއަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހަބަރު ފަތުރާ ނޫސްމަޖައްލާތަކުން ޒިންމާދާރުކަމާއިއެކު ރަނގަޅަށް މައުލޫމާތު ސާފުކޮށްފައި ހަބަރު ޝާއިއުކުރުން ވަރަށްބޮޑަށް އެދޭ ކަމަށެވެ.
އާތިފް އިތުރަށް ވިދާޅުވެފައި ވަނީ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކަށް މިހާރު އަތޮޅުތެރޭގެ ރަށްރަށާއި ވާދަކުރަން ނުޖެހޭ ކަމަށާއި، ކުޅުދުއްފުއްޓަކީ ސިޓީއެއްކަމުން ފާއިތުވި އަހަރު ސިޓީ ކައުންސިލުން އެދުނުގޮތަށް އެ ސިޓީގެ 3 ސްކޫލަށް ވެސް ސީދާ ޤައުމީ މުބާރާތުގައި ވާދަކުރެވޭނެ ފުރުޞަތު މިހާރުވަނީ އިސްލާމިކް މިނިސްޓްރީއިން ފަހިކޮށްދީފައި ކަމަށެވެ.
މި އަހަރުގެ މުބާރާތުގައި 12 ރަށަކުން ޖުމްލަ 130 ދަރިވަރުން ވާދަކުރާނެއެވެ. އެއީ ނުބަލާ ކިޔެވުމުގެ ގޮފީގައި 35 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ގޮފީގައި 95 ދަރިވަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!