ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދުލް ހަޟާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ރޭ ބަޔަކު އެތަނަށް ގެއްލުންދީފިއެވެ.

މިކަމާއި ގުޅިގެން މިއަދު ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ވަނީ ގެއްލުންދީފައިވާ ކަމަށެވެ. މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައްޗަށް ފެންހޮޅިއެއް ދޫކޮށްލުމާއި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްލާފައިވާ ކަމަށެވެ.

Ad
rt

މޭޔަރު އިތުރަށް ވިދާޅުވެފައި ވަނީ މަދުފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތިގެއްލުންވެ، ރަށުގެ ތަރައްޤީއަށް ހުރަސްއެޅެމުންދާކަމަށެވެ. ކިތަންމެވަރަކަށް މިފަދަ އަމަލުތައް ހިންގިކަމުގައިވިޔަސް، ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ހެވާލާބައަށް މަސައްކަތްކުރުންމަތީ ސިޓީ ކައުންސިލް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށް މޭޔަރު ވަނީ ވިދާޅުވެފަ ވެއެވެ.

މިސްކިތު ތަޅުމުގައި ކުރަހައި ގެއްލުން ދީފައި، ފޮޓޯ: މޭޔަރު އާތިފް ފޭސްބުކުން

ދެ ފަންގިފިލާ ހިމެނޭ އެ މިސްކިތް ފާއިތުވި ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ބަންދުކޮށްފައި ވަނީ ގްރައުންޑް ފްލޯގެ މަރާމާތަކަށެވެ. އެ މިސްކިތް މަރާމާތަށް ބަންދުކުރި ނަމަވެސް ހުކުރު ނަމާދު އެ މިސްކިތުގެ ދެވަނަ ފަންގިފިލާގައި އަންނަނީ ކުރަމުންނެވެ.

އެ ރަށުގައި ބާއްވާ ކަށުނަމާދުތައް ވެސް ކުރިން ކުރަމުން އައީ އެ މިސްކިތުގައެވެ. ނަމަވެސް މިސްކިތް މަރާމާތު ކުރަމުންދާތީ ސިޓީ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުގައި ހުންނަ މަސްޖިދުލް ފިރުދައުސްއަށް ބަދަލުކޮށްފައެވެ.