މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓިކްޓޮކް ތަރި ހުނޭސާ އާދަމް (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ހުނޫ އާއި އިތުރު ބައެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލާފައިވާތީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލި އެވެ. އެ މައްސަލާގައި ފުރަތަމަ ހައިކޯޓުން އަންގާފައި އޮތީ އޭނާ ދޫކޮށްލުން ގޯސް ވިޔަސް، ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ.

Ad
rt

ދެވަނަ ފަހަރަށް ބަންދު މުރާޖާ ކުރުމަށްފަހު ވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ހުނޫ ދޫކޮށްލުމަށެވެ. މިފަހަރު ވެސް ދައުލަތުން އެ މައްސަލަ ހައިކޯޓަށް ގެންދިއުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހުނޫ ދޫކޮށްލަން ނިންމީ ފަނޑިޔާރަށް އޮންނަ އިހްތިޔާރުގެ ދަށުން ކަމަށެވެ.

އެ އިހްތިޔާރު ބޭނުންކުރި ގޮތް ގޯސްކަމަށް ދައުލަތަށް އެއްވެސް ސަބަބެއް ނުދެއްކޭ ކަމަށާއި ވީމާ ހުނޫ ދޫކޮށްލަން ނިންމި ނިންމުން ގޯސްކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.

ހުނޫގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ، އޭނާ މަދުވެގެން 25 އަހަރަށް ޖަލަށްލާނެ އެވެ.