ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރުމަށް ނޮޅިވަރަމް ތައްޔާރުވެފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ މި އަހަރުގެ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް ހދ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން މިފަހަރުގެ މުބާރާތް ބާއްވަން ޕްރޮޕޯސަލް ކާމިޔާބުކޮށްފައި ވަނީ ނޮޅިވަރަމް ކައުންސިލުންނެވެ.

Ad
rt

ނޮޅިވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު މުސްތަފާ ''ތިލަދުން'' އަށް ވިދާޅުވީ، ނޮޅިވަރަމްގައި އެ މުބާރާތް ބޭއްވުމަށް ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ތައްޔާރީތައް ނިމި، މިހާރު ބައިވެރިންނަށް މެހްމާންދާރީ އަދާކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މުބާރާތަށް ރަށުތެރެ ރީތި ކުރުމުގެ މަސައްކަތްތަކެއް ވެސް ކައުންސިލާއި، މުއައްސަސާތަކާއި އަދި ރައްޔިތުން ގުޅިގެން މިދިޔަ ހަފްތާގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ. މިގޮތުން ރަށުތެރެ ސާފުކޮށް، އަޑިގުޑަންހުރި މަގުތަކަށް ވެލިއަޅައި އެއްވަރުކުރުން ފަދަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

''މުބާރާތުގެ ބައިވެރިންނަށާއި، މުބާރާތާއި ގުޅިގެން މިރަށަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ފަރާތްތަކަށް މެހްމާންދާރީ އަދާކޮށް، މުބާރާތް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ ކަންކަން ގާތްގަނޑަކަށް މިވަނީ ނިންމާލެވިފައި'' މުސްތަފާ ވިދާޅުވިއެވެ.

ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މަރުޙަބާ ކިޔުމަށް ރަށުތެރެ ސާފުކުރުމުގެ ތެރެއިން، މި މަސައްކަތުގައި ނޮޅިވަރަމްގެ މުއައްސަސާތަކާއި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރުއަދާ ކުރައްވާފައި،

މުސްތަފާ ވަނީ މި މަސައްކަތުގައި އެރަށުގެ މުއައްސަސާތަކުންނާއި އަދި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ދެއްވާ އެއްބާރުލުން ފާހަގަ ކުރަށްވާފައެވެ.

މިއަހަރުގެ ހދ. އަތޮޅު ޤުރްއާން މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިމުބާރާތަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ. ނަމަވެސް، ކޯވިޑް 19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު މިމުބާރާތް ބާއްވާފައެއް ނުވެއެވެ.

ހދ. އަތޮޅު ޤުރުއާން މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 އޭޕްރީލް 18 އިން 20 އަށް ހދ. ނެއްލައިދޫގައެވެ. މިމުބާރާތުގައި އަތޮޅުގެ 11 ރަށަކުން 132 ބައިވެރިން ވާދަކޮށްފައި ވެއެވެ. މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ހދ. ނޮޅިވަރަމުންނެވެ.