އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުން ނެވެ.

Ad
rt

ހައުސިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ތިމާވެށި ހިމާޔަތް ކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ތާރުގެ ބަދަލުގައި ގާ އެޅުމަށް ލަފާދީފައިވަނީ އެ މަގުގައި ހުރި ގަސްތައް ހިމާޔަތްކުރަން ކަމަށާއި އެ މަގުގައި ހުރި ބިޔަބޮޑުތި ގަސްތައް ނެގުމުގެ ސަބަބުން އެ މަގުގައި އިތުރަށް ފެންބޮޑުވާނެ ކަމަށް ވެސް ރައީސް ނަޝީދުގެ ދައުވާގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތައް ގެއްލުންވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެ މައްސަލައިގާ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މަގުގެ މަސައްކަތަށް ނަގަމުންދާ ގަސްތަކުގެ ބަދަލުގައި އާ ގަސްތައްް އިންދި ނަމަވެސް، އެ ގަސްތައް ހެދިބޮޑުވުމަށް ގިނަ އަހަރުތަކެއްވާނެ ކަމަށްވުމުން މިހާރު ހުރި ގަސްތަކުގެ ސަބަބުން ތިމާވެއްޓަށާއި މީހުންނަށް ވަމުންދާ ފައިދާ އަވަސް މުސްތަގުބަލެއްގައި ނުވާނެ ކަމަށް އީއައޭގައި ބަޔާންކޮށްފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އިންޑިއާއިން ބައެއް ވައްތަރުގެ ގަސް އިމްޕޯޓުކުރުމަށް ނިންމާފައިވާ އިރު، އެކަމުގެ ސަބަބުން އާ ސްޕީޝީސްއެއް ފެތުރި، މުޅި އިކޯސިސްޓަމް ހަލާކުވުމުގެ ފުރުސަތު އެބައޮތް ކަމަށް އީއައިއޭގައި ބަޔާންކޮށްފައިވާކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

އެހެންކަމުން އަމީނީ މަގުން ގަސް ނެގުމުގެ މަސައްކަތް ކުރަމުންދަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނު، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އާއި ގާނޫނު އަސާސީގެ 23 ވަނަ މާއްދާ (ދިރިއުޅޭނެ ސާފު އަދި ސިއްހަތު ރަނގަޅު މާހައުލެއް ރައްޔިތުންނަށް ހޯދާނެ މަގު ތަނަވަސްކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން ބަޔާންކޮށްފައިވާ މާއްދާ އަދި ރައްޔިތުން ކްލައިމެޓް އެމެޖެންސީ ޑިކްލަރޭޝަން ގާނޫނާއި ޕެރިސް އެގްރީމެންޓާ ހިލާފަށް ކުރިއަށްގެންދާ މަޝްރޫއަކަށްވުމުން އެކަން ހުއްޓުވައިދިނުމަށް އެދޭ ކަމަށް ނަޝީދުގެ ދައުވާގައި ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަމީނީ މަގުން ގަސް ނެގުމުގެ ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަަމަށާއި އެހެންކަމުން ގަސްތައް ނެގުމާ މެދު އެ މަސައްކަތް ކުރާ އާރުޑީސީއާއި ޕެލޭނިންގ މިނިސްޓްރީން އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އެހެންނޫން ނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުން ނޫން ގޮތެއް މިކަމުގައި ހަގީގަތުގައި ނެތް،" ރައީސް ނަޝީދު އެ ދުވަހު ވިދާޅުވި އެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ނެގުމާއި ގުޅޭގޮތުން އާރްޑީސީން ބުނެފައިވަނީ ރަނގަޅުފެންވަރަކަށް އެމަގު ހެދުމަށް ގަސްތައް ނަގަންޖެހޭ ކަމަށާއި އެ ގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ ކަމަށެވެ. އަދި އަމީނީ މަގުން ނަގާ ގަސްތައް މާލެ ސަރަހައްދުގައި ތަރއްގީކުރާ ޕިކްނިކް އައިލެންޑް، ކުޑަގިރޫގައި އިންދާނެ ކަމަށެވެ.

ސެޕްޓެމްބަރ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު، ވިދާޅުވެފައިވަނީ އަމީނީ މަގުން ނަގާ ގަސްތައް އެހެން ތަނެއްގައި އިންދާނެ ކަމަށާއި މަގު ހެދުމަށް ގަސްތައް ކަނޑަން ޖެހެނީ އެ ގަސްތަކުގެ މޫތައް ފެތުރިފައި ހުރި ގޮތުން ހޮޅި ވަޅުލުމުގައި އުނދަގޫތަކެއް ކުރިމަތިވުމާއި މަގުގެ ޕޭވްމަންޓް ހެދުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެތީ ކަމަށެވެ. އަދި މިހާރު އިންދާފައި ހުރީ މަގުތަކުގައި އިންދާ ވައްތަރުގެ ގަހެއް ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.