ޖަރުމަނު ބުންޑަސް ލީގުގައި ރޭ ބަޔާން ލެވަކޫސަންއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ބަޔާންގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 19 އަހަރުގެ މިޑްފީލްޑަރ ޖަމާލް މުސިއާލާގެ މޮޅު ކުޅުން މި މެޗުގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އޭނާ ވަނީ ދެ ލަނޑު ޖަހަން ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން މެޗުގައި އެއް ލަނޑު ވެސް ކާމިޔާބު ކޮށްފައެވެ.

Ad
rt

ބަޔާނުން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ. މުސިއާލާ ލެވަކޫސަންގެ އޭރިއާތެރެއަށް ތިރިތިރިން ހުރަސްކުރި ބޯޅަ ސާނޭ ވަނީ ކޮންޓްރޯލް ކުރުމަށް ފަހު ލެވަކޫސަންގެ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބަޔާނަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މުސިއާލާއެވެ. ތޯމަސް މުލާ ލެވަކޫސަންގެ އޭރިއާތެރެއަށް ކުޅުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު މުސިއާލާ ވަނީ ގޯލުގެ ކައިރިކަނަށް ފޮނުވާލާފައެވެ. އެ ބޯޅަ ގޯލަށް ވަދެފައި ވަނީ ލެވަކޫސަންގެ ކީޕަރުގެ އަތުގައި ވެސް ޖެހިފައެވެ.

މެޗުގެ ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާނޭ ކާމިޔާބު ކޮށްދީފައިވާއިރު، މެޗުގެ ހަތަރުވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސް މުލާއެވެ. މުލާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ލެވަކޫސަންގެ ކީޕަރަށް ހެދުނު ގޯހަކުން ތަނަވަސް ވީ ފުރުޞަތެއްގައެވެ.

މި ނަތީޖާއާއިއެކު ބަޔާން ވަނީ ކުޅުނު 8 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މިވަގުތު އެއްވަނާގައި އޮތީ ކުޅުނު 7 މެޗުން ލިބުނު 17 ޕޮއިންޓާއިއެކު ޔޫނިއަން ބާލިންއެވެ. މިރޭ ޔޫނިއަން ބާލިންއާއި ފްރޭންކްފާޓް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު ޔޫނިއަން ބާލިންއަށް އެބައޮތެވެ. މިރޭ ޑޯޓްމަންޑާއި ކޮލިން ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުޞަތު ޑޯޓްމަންޑަށް ވެސް އެބައޮތެވެ. މެޗުން ބަލިވި ލެވަކޫސަން މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 8 މެޗުން 5 ޕޮއިންޓެވެ.