1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަކަމުގައި ވެގެން ދިޔަ ޤައުމީ ބަޠަލަކީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 32 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ނުރައްކާތެރި ޙަމަލާގައި، ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ސިފައިންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާ ކަމަށާއި ވަކިން ޚާއްޞަކޮށް، އެދުވަހުގެ ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަކަމުގައި ވެގެން ދިޔަ ޤައުމީ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފުރާނަފުޅަށް، ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ.
ެަރައީސް ސޯލިހު އިތުރަށް ވިދާޅުވީ ނޮވެމްބަރު 3 ވަނަ ދުވަސް އެއީ ދިވެހިން ތަޖުރިބާކުރި ހިތްދަތި ކަޅު ދުވަހެއް ކަމަށާއި މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް، އެއަށް ވުރެ މާއުޖާލާ ފަތިހަކަށް ނިމިގެންދާ އުޞޫލުން، ނޮވެންބަރު 3 ވަނަ ދުވަހުގެ އިރު އުދަރެހާ ފަރުދާވެގެން ދިޔައީ، ދިވެހި އުޑުގައި، ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން ކަމަށެވެ. ނަޞްރާއި ނަސީބާއި ކާމިޔާބުގެ ރަމްޒަކަށް އެދުވަހު ވެގެން ދިޔައީ، ޢަސްކަރިއްޔާގެ ހިތްވަރާއި ދިވެހި ރައްޔިތުންގެ ފަންވަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އުދުވާން އައިއިރު ވެރިކަމުގައި ހުންނަވައި ރައީސް މައުމޫން ވަނީ ވަރަށް ހިކުމަތްތެރި ކަމާއިއެކު މަސައްކަތްޕުޅު ކުރައްވާފައި ކަމަށާއި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެދުވަހު މަސައްކަތްކުރެއްވި ހުރިހައި ބޭފުޅުންނަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ނުރައްކާތެރި ޢުދުވާނުން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި އިންޑިއާއިން ވެދިން އަވަސް އެހީތެރިކަމަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ޢަސްކަރީ ޢުދުވާނެއް ކަމަށްވިޔަސް، ޤުދުރަތީ ކާރިޘާއެއް ކަމަށްވިޔަސް، ޤައުމާއި ރައްޔިތުން ދިފާޢުކުރުމުގެ އެންމެ ކުރީ ސަފަށް، އެންމެ ފުރަތަމަ ނުކުންނަ ބަޔަކީ، ސިފައިންކަން ފާހަގަކުރައްވައި މިސަބަބަށްޓަކައި ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިއްބެވުމަށް ވެސް ހުރިހާ ސިފައިންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުރާނަ ސަލާމަތްކުރުމުގެ ރިހިމެޑަލް ހާޞިލުކުރި 9 ސިފައިންނަށް ރިހި މެޑެލް ހަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ސިފައިންގެ ޤައުމީ ލަވަ އަލްބަމް ވެސް ނެރެދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!