މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން މާދަމާ ކޯޓަށް ހުށަހަޅުއްވަން ތައްޔާރުވެފައިވާ ކަމަށް ޝުނާނާ އެންޑް ކޯ ލޯ ފާމުން ހާމަކޮށްފި އެވެ.
އެ ފާމުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ ފާމުގެ މުވައްކިލު ނަޝީދުގެ ފަރާތުން މާދަމާގެ ވަގުތެއްގައި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އެ މައްސަލަ ކޯޓަށް މައްސަލަ ހުށަހަޅަނީ އަމީނީ މަގުން ގަސްތައް ކެނޑުން ނުހުއްޓުވައިފިނަމަ، ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ވާނެތީ ކަމަށާއި އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް އެދޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު މިހާރުވަނީ ފަށާފަ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަޜޭޝަން (އާރްޑީސީ) ން ނެވެ.
ގަސްތައް ކަނޑާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އާރްޑީސީން ބުނެފައިވަނީ އަމީނީ މަގު ހަދައި ނިމޭ އިރު އެމަގުގައި އަލުން ގަސް އިންދާނެ ކަމަށެެވެ. އަދި އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެގަސްތައް ނެގުމަށް ފަހު ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑް ކުޑަގިރި އަށް އެ ގަސްތައް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާނެ ކަމަށް ވެސް އާރްޑީސީން ބުނެފައި ވެއެވެ.
އެ މަގުގައި ހުރި ގަސްތައް ނަގަމުން އަންނާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ގަސްތައް ކެނޑުން ހުއްޓައިލުމަށް ރައީސް ނަޝީދު މީގެ ކުރުން ވެސް ވަނީ ގޮވައިލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!