ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ޓީމު ނޮޅިވަރަމް ދަތުރު ކޮށްފިއެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗު ގައި ލީގުގެ އެއްވަނާގައި އޮތް ޓީމު ހަނިމާދޫ އާއި ދެވަނާގައި އޮތް ޓީމު ނޮޅިވަރަމް ބައްދަލުކުރި މެޗު ޓީމު ނޮޅިވަރަމް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ.
ރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން 23-25 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 20-25 އިންނެވެ. މެޗުގެ 3 ވަނަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބުކުރީ 19-25 އިންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ލީގުގެ 4 ވަނައިގައި އޮތް ޓީމު ކުޅުދުއްފުށި އަދި ލީގުގެ 3 ވަނައިގައި އޮތް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. އިއްޔެ ހަވީރު ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓު 18-25 އިން ކާމިޔާބުކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ދެވަނަ ސެޓު ވެގެންދިޔައީ ފޯރިގަދަ ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ ސެޓަކަށެވެ. ދެވަނަ ސެޓު 31-33 އިން ކާމިޔާބު ކުރީ ޓީމު ކުޅުދުއްފުށި އެވެ. މެޗުގެ 3 ވަނަ ސެޓު 23-25 އިން ޓީމު ކުޅުދުއްފުށި ކާމިޔާބު ކުރިއިރު ހަތަރު ވަނަ ސެޓު ފަސޭހަ ކަމާއިއެކު 9-25 އިން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފައިނަލް ސެޓު 10-15 އިން ކާމިޔާބު ކޮށް، ޓީމު ކުޅުދުއްފުށި ކަޓުވާލުމަށްފަހު ސެމީ ފައިނަލްގެ 3 ވަނަ މެޗުން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ޖާގަ ހޯދާފައެވެ.
ސެމީ ފައިނަލްގެ 3 ވަނަ މެޗު އޮންނާނީ މިރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ސެމީ ފައިނަލް ފުރަތަމަ މެޗުން މޮޅުވި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ސެމީ ފައިނަލްގެ 2 ވަނަ މެޗުން ބަލިވި ޓީމް ހަނިމާދޫ އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރަން ޖެހީނީ ޓީމް ނޮޅިވަރަމް އާއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރ 5 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!