ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ކޭއާރުއެޗުގެ ފަރާތުން ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދު މި އެއްބަސްވުމުގެ ސޮއިކުރެއްވި އިރު، ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ރަޝީދެވެ. މިއީ 4.9 މިލިއަން ރުފިޔާގެ ޓްރޯމާ އިމްޕްލާންޓްސް އެކެވެ.
މި އެއްބަސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތައް އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިގެން މީގެކުރިން ހޯދަމުން އަންނައިރު، އޮކްޓޫބަރު 2020 އިން ފެށިގެން ތިން ފަހަރެއްގެ މަތިން ސާޖަރީއަށް ބޭނުންވާ ސާމާނު ގެނެސް 8 ސާޖަރީއެއް ވަނީ ހަދާފަ އެވެ. އަދި 2021 ވަނަ އަހަރު ހޯދުނު ޑްރިލްއާއެކު ކޭ ވަޔަރ ފިކްސޭޝަންގެ 60 އަށް ވުރެ ގިނަ ކޭސް ވަނީ ހަދާފަ އެވެ.
މީގެ އިތުރުން ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަށީގެ ޑޮކްޓަރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 150 އަށް ވުރެ ގިނަ އޮޕަރޭޝަން ކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!