އިނގިރޭސި ލީގުގައި ނޯތު ލަންޑަން ޑާބީ މެޗު 3-1 ގެ ނަތީޖާއިން ޓޮޓެންހަމް މައްޗަށް އާސެނަލް ކުރިހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗުގައި އާސެނަލް ގޯލު ހުޅުވައިލަދިނީ ގާނާގެ މިޑްފީޑަރ ތޯމަސްޕާޓޭ ގެ ރީތި ގޯލަކުންނެވެ. މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާވެސް ވަނީ މި ގޯލުގެ ރީތިވާހަކަ ދައްކާފައެވެ. އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވަށްދާލީ މެޗުގެ 20 ވަނަ މިނެޓުގައި ބެންވައިޓް ޖައްސާލި ބޯލައަކުންނެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޓޮޓެންހަމްްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. މިއީ ބުރެޒިލްގެ ފޯވާޑް ރިޗާލްސަންއަށް، ބުރެޒިލްގެ ޑިފެންޑަރ ގެބްރިއަލް މަންގަލަހީޒް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މި ލަނޑަށްފަހު އާސެނަލްއިން ކުރިޔަށް ޖެހި ޓޮޓެންހަމްގެ ޑިފެންސްލައިންއަށް ބާރު ބޮޑުކުރިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ އިތުރު ގޯލެއްނުޖެހި ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި ޖީސަސް ގޯލެއްޖަހައި އާސެނަލްއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނެވެ. މީ ޓޮޓެހަމް ކީޕަރ މަތަކުރަން އުޅުނު ބޯޅަ މަތަނުކުރެވި ގައިދަށުން ދިޔަވަގުތު ކާމިޔާބު ކުރި ގޯލެކެވެ.
ނަތީޖާ ހަމަ ހަމަ ކުރުމަށް ކުޅެމުން ދިޔަ ޓޮޓެންހަމްއަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވީ މެޗުގެ 62 ވަނަ މިނެޓުގައި އެމަސަންއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
މެޗުގެ ފަހުގޯލް އާސެނަލްގެ 3ވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓުގައި މާޓިނެލީގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ޒަކާއެވެ.
މެޗުގައި އާސެނަލްއިން ވަނީ 20 ހަމަލާއެއް ފޮނުވައިލާފައެވެ.އޭގެ ތެރެއިން ގޯލާއި އަމާޒުވެފައިވަނީ 7 ހަމަލާއެކެވެ. ޓޮޓެންހަމް ފޮނުވާލި 7 ހަމަލާގެ ތެރެއިން ގޯލާއި އަމާޒުވެފައިވަނީ 3 ހަމަލާއެކެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!