މިފްކޯގެ ދަށުން ހިންގަމުން އައި 13 އައިސްޕްލާންޓެއް ހިންގުން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.
ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމާއެކު އެތަންތަނުގައި ހުރި މަރާމާތުގެ މަސައްކަތްތައް ނިންމައި، އެ ކުންފުނީގެ އިންޖީނުގެތަކާ އައިސްޕްލާންޓުތައް ގުޅައި، ސީދާ އެކުންފުނީގެ ދަށުން ޚަރަދު ހިނގާގޮތަށް އެތަންތަން ބަދަލުކުރެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން، އެ ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.
އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ 70 އިންސައްތަޮ މަސައްކަތަކީ ތެލުން ހިންގާ އޮޕަރޭޝަން ކަމަށްވުމާއެކު އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުން އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި މަސްވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިފްކޯ އިން ފެނަކަޔަށް ހިންގުން ބަދަލުކުރާ 13 އައިސް ޕްލާންޓް:
1. ހއ.އިހަވަންދޫ
2. ނ.ޅޮހި
3. ރ.އަލިފުށި
4. ބ.ތުޅާދޫ
5. ފ.ނިލަންދޫ
6. ތ.ހިރިލަންދޫ
7. ގއ.ދާންދޫ
8. ގއ.ދެއްވަދޫ
9. ގއ.ގެމަނަފުށި
10. ގއ.ކޮލަމާފުށި
11. ގދ.ފިޔޯރީ
12. ގދ.ފަރެސްމާތޮޑާ
13. ސ.ހިތަދޫ
މިފްކޯއިން ހިންގަމުން އައި އައިސް ޕްލާންޓްތަކުގެ ތެރެއިން 13 ޕްލާންޓް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ މިއަދު ޙަވާލުކޮށްފި. pic.twitter.com/grBiVaks49
— Fenaka Corporation Ltd (@TeamFenaka) September 22, 2022
ފެނަކައިން ވަނީ އެ ކުންފުންޏާ އައިސްޕްލާންޓްތައް ހަވާލު ކުރުމުން އެ ކުންފުނިން ވަނީ "ފެނަކަ އައިސް" ގެ ނަމުގައި އެޕްލިކޭޝަން އިފްތިތާހު ކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް އައިސް ޕްރީ އޯޑަ ކުރެވޭނެއެވެ.
މި ހިދުމަތުގެ ސަބަބުން މަސްވެރިންނަށް ބޭނުންވާ އައިސް ވަގުތުން ވަގުތަށް ލިބި، އައިސް ނުލިބިގެން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި މި ހިދުމަތް ދުވަހުން ދުވަހަށް ދިނުމުގައި ރައްޔިތުނަނަށް އެންމެ އިންސާފުވެރިކޮށް ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކިއު ސިސްޓަމް މެދުވެރިކޮށް ނަންބަރު ދޫކުރެވި އަދި ނަންބަރު ތަރުތީބުން އައިސް ދޫކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!