ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ހުޅުވާލާފައެވެ. އެ ފުރުސަތު ބަންދުވީ އެ މަހުގެ 16 ވަނަ ދުވަހުއެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ކުންފުންޏަކަށް އުމްރާއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެ ކުންފުނިތަކަކީ،

  • މަހަލްދީބް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓް
  • ރައުޟާ ވިލްޙައްޖި ވަލް އުމްރާ ޕްރައިވެޓް ލިމިޓް
  • ޘާބިތު ލިލް ޙައްޖު ވަލް އުމްރާ ޕްރައިވެޓް ލިމިޓް

އިސްލާމިކް މިނިސްޓްރީން ބުނީ މި ކުންފުނިތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތަކީ 2 އަހަރު ކަމަށެވެ.

މި ތިން ކުންފުންޏަށް ހުއްދަ ދިނުމާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަދަދު 46 އަށް އެރީއެވެ.