ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ ބިލެއް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
ރައީސް މިއަދު ތަަސްދީޤުކުރެއްވި ދެ ބިލަކީ، ޤާނޫނު ނަންބަރު، 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލާއި އަދި ޤާނޫނު ނަންބަރު، 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 7 ވަނަ އިސްލާޙް ގެނައުމުގެ ބިލެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، އެ ޤާނޫނުގެ 11 ވަނަ އިޞްލާޙުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.
މީގެ އިތުރުން ވެސް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.
ވަޒީފާއާބެހޭ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއްނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދޭ ލަފާގެމަތިން، މިނިސްޓަރ ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ތާރީޚެއް މިނިސްޓަރ ކަނޑައަޅައި ޢާންމުކޮށް އިޢުލާން ކުރަންވާނެކަމަށް ޤާނޫނުގައި ކަނޑައެޅުމެވެ.
މި ދެ ޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ. އަދި އެއާއެކު ވަނީ މި ދެ ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!