މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަސް ސްޓޮޕްތައް ހިޔާކުރުމަށް ބޭނުންވާ ޝެޑްތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ.
އެ މަސައްކަތް ކުރިއަށްދަނީ ތިލަފުށީގެ ޑޮކްޔާޑުގައިކަމަށާއި، ވަރަށް އަވަހަށް ހިޔާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޒިމް މިހެން ޓްވީޓް ކުރެއްވީ ބަސް ސްޓޮޕްތައް ހިޔާ ކޮށްދިނުމަށް އެދި އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީ އާއިޝަތު ޖެނިފާ ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.
މާލޭގައި މިނީ ބަހުގެ މި ޚިދުމަތް ދިނުމަށް 18 ބަސް ބޭނުން ކުރާއިރު، 3 ރޫޓެއްގައި 40 ބަސް ސްޓޮޕް ވަނީ ބަހަައްޓާފައެވެ. މި ހުރިހާ ބަސް ސްޓޮޕެއްވެސް ހިޔާކުރަން އެމްޓީސީސީން ވަނީ ނިންމާފައެވެ.
އެމްޓީސީސީން އާރުޓީއެލް ބަހުގެ ހިދުމަތް މާލޭގައި ފެށީ މީގެ ދެ ހަފްތާ ކުރިންނެވެ. މި ހިދުމަތަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލާމު އަތޮޅުގައިވެސް އެމްޓީސީސީން އަންނަނީ މިނީ ބަހިގެ ހިދުމަތް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!