މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމަށް މާލޭގައި ގާއިމުކޮށްފައިވާ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ހެނދުނު ރައީސްވަނީ ވަޑައިގެންފައެވެ.
އެތަނަށް ވަޑައިގެން އެކަމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވަނީ، ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގަތެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެބޭފުޅުން މިއަދު ފަށްޓަވާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
President @ibusolih's message to the nation, on the commencement of #Census2022mv pic.twitter.com/E1oxIpkv8p
— The President's Office (@presidencymv) September 13, 2022
ބޯހިމެނުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާތަނަށް މިއަދު ރައީސް ވަޑައިގެން އެމަނިކުފާނު ވަނީ ވަކިވަކީން އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ.
މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14 ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްޞީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށެވެ.
މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!