ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާއެކަމަށާއި، އެ މަސައްކަތް ނިމުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުން ދޭ އެހީއާއި، ފޯރުކޮށްދޭ ކަންތައްތަކުގެ ވާހަކަ ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެ ކޮންފަރެންސްގައި ޙިއްޞާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ގެވެށި އަނިޔާ ނައްތާލުމަށްޓަކައި ރަށްރަށުގެ ފެންވަރުގައި ކުރަން ރާވާފައި ހުރި މަސައްކަތްތަކުގެ ތަފްޞީލު ވެސް ޖެންޑާ މިނިސްޓްރީން ދެއްވާފައިވާ ކަމަށެވެ. މިކަމުގައި ވެސް ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

''ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ ޢިނާޔަތް ބޮޑުކުރުމުގެ ވާހަކައަކީ، ހަމަ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން ބައްދަލުކުރައްވައި ހުށަހަޅުއްވާ ކަމެއް. މިހާރު ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ގެންދަނީ. އިރާދަކުރެއްވިއްޔާ އެކަން ނިމުމާ އެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.'' ރައީސް ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ބާއްވާފައިވާއިރު، މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ، ދ. ތ. ލ. ގއ. ގދ. ގެ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީކައުންސިލާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ.