ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށްގެން ހދ. ވައިކަރަމުރައިދޫއަށް ގެންދިޔަ ދެ މީހުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން ހދ. ވައިކަރަމުރައިދޫއަށް އެ ލޯންޗް ގެންދިޔައީ ހދ. މަކުނުދޫ އުނިމާގޭ މުހައްމަދު ނާއިފު އާއި އެރަށު ގުލްއަލާގޭ މުހައްމަދު ޔާސިރެވެ.
އެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާއަށް އެ ދެ މީހުން ކޯޓުގައި އެއްބަސްވި އެވެ. އެކަމަކު ޓެރަރިޒަމްގެ ކުރީގެ ގާނޫނު މިހާރު އުވާލާފައިވާތީ އާއި އެ ކުށް މިހާރު އޮންނަނީ ގާނޫނުލް އުގޫބާތުގައި ކަމަށްވާތީ މިދިޔަ ހަފުތާގައި އެ މީހުންގެ މައްޗަށް އަދަބު ކަނޑައެޅީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަދަބަކީ ހަތަރު މަހަށް ޖަލަށްލުމެވެ. އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެއަށް ވުރެ އަދަބު ކުޑަ އެވެ.
އެ މީހުން ލުއި އަދަބަކަށް އެދިފައިވާތީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ގާޒީ އިސްމާޢިލް ޝަފީއު ނިންމެވި އެވެ.
ނާއިފް ބަންދުގައި ހޭދަކުރި މުއްދަތަށް އުނިކުރުމަށްފަހު ޖަލު އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން ޖެހެނީ 12،600ރ. އެވެ. އަދި ޔާސިރަށް ޖެހެނީ 9،600ރ. ގެ ޖޫރިމަނާ އެކެވެ.
އެ ފައިސާ ތިން މަސް ތެރޭގައި މީރާއަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!