މާލޭ ސިޓީ ކައުންސިލުން އެ ސިޓީގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ.

މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމަރާ ނިޒާމާއި އެ ސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ އެކަމަށް އެ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

Ad
rt

މިއާއިއެކު އެ ހަފްތާއެއްގެ ހުރިހާ ދުވަހަކުވެސް ސަރަހައްދުގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުމުގެ ގޮތުން 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވެ އެވެ.

މި މަސައްކަތް ނިންމާލެއްވުމަށްފަހު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫއަކީ މުޅި މާލެ ބެލެހެއްޓޭ ގޮތަށް ސީސީޓީވީ ކެމަރާ ހަރުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އަދި ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކޮށް މިސްކިތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު މިހާރު ބަލަހައްޓަމުން އަންނަކަން މޭޔަރު ވަނީ ފާހަގަ ކުރަށްވާފައެވެ.

މި މަޝްރޫޢުގެ ފޭސް ތިނެއްގެ ދަށުން މާލޭ އުތުރު ފަރާތު ފަޅުތެރެ ބެލެހެއްޓުމަށް ވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އިއްޔެގެ ރަސްމިއްްޔާތުގަައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލެ ދެކުނު ބަނދަރު ސަރައްދުގެ ސަލާމަތީ ކަންތައްތައް ހަރުދަނާކޮށްދިނުމަކީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ކުރިއްސުރެ އެދެމުން އައި ކަމެއް ކަމަށެވެ. އެހެން ދިމާލަކަށް ނުގޮސް އެ ސަރަހައްދުން ބޯފެން ލިބޭ ގޮތް ހަދައިދޭން ވެސް މީހުން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ދެކުނު ބަނދަރަކީ ގިނަ މަސްވެރިކަަމަށް ބޭނުންކުރާ ލޯންޗްތައް ހިމެނޭ ގޮތުން ގިނަ އަދަދެެއްގެ ލޯންޗްފަހަރު އަޅާ ސަރަަހައްދަކަށްވާއިރު، އެ ބަނދަރުގައި އަޅާފައި ހުންނަ ލޯންޗްފަހަރުން ވައްކަން ކުރުމަކީ ދިމާވާ މައްސަލައެއްކަމުން އެއީ އެ ލޯންޗްތަކުގެ ވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.