އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ. އެއީ، 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައިކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ހަވަނަ ދުވަހު ވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ، 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރެއިން 47 އަހަރުގެ މީހާއާއި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް އަދި 45 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

މި މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރު އާއިއެކު ގުޅުން ހިންގި ބަޔެއް ކަމަށް ސާފު ނުވިނަމަވެސް މިފަހުން މިބާވަތުގެ ބޮޑު މައްސަލައެއް ގޮތުގައި ފެންމަތިވެފައިވަނީ އެ މައްސަލަކަމުން މިއީ އަލަމްގީރު މައްސަލައާއި ގުޅުންހުރި ބަޔެއް ކަމަށް ބެލެވެއެވެ.

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން މިިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.