އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260 އަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެެތި މިއަދު ދޫނިދޫގައި ނައްތާލާފައިވާ ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓާއި، 4285 ސެލޯފިންކޮޅާއި، 246 ފިލްމު ހުސްކުރިދަޅާއި، 130 ބުލެޓާއި، 40 ބިޑީގެ އިތުރުން 6359 ބޭސްގުޅައެވެ.
އަދި މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ތަކެތި 4559 އެހެނިހެން އައިޓަމްގެ ގޮތުގައި ނައްތާލާފައިވެއެވެ.
މަސްތުވާތަކެތި ނައްތާލުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން މީޑީއާ އަދި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި މީހުންގެ ހާޒިރުގައި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!