ސަރުކާރުން ބާއްވަވަމުން އަންނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ހޮނިހިރު ދުވަހު ހައްދުންމަތީ ގަމުގައި ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، މިޢްވާން ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ކުރިއަށް ގެންދާ މި ކޮންފަރެންސް ހޮނިހިރު ދުވަހު ލ. އަތޮޅުގައި ފަށާނެ ކަމަށެވެ.

Ad
rt

އަދި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، މިފަހަރުގެ ވިޔަވަތި ކޮންފަރެންސް އަޮންނާނީ މި ސެޕްޓެމްބަރު މަހުގެ 10 އިން 12 އަށް ހައްދުންމަތީ ގަމުގައި ކަމަށެވެ.

މި ކޮންފަރެންސްގައި 107 ކައުންސިލަރުންނާއި އެކު ސަރުކާރުގެ އިސްވެރިންނާއި އެސްއޯއީތަކުގެ އިސްބޭފުޅުން ހިމެނޭގޮތުން 270 ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިޢުވާން ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި މިޢްވާން ވަނީ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެސް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.