ސައޫދީއަރަބިއްޔާގެ މައްކާގައި އޮންނަ ކިންގ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިފަހަރު ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިން ވެސް ސަޢުދީޢަރަބިއްޔާއަށް ފުރާނެއެވެ.
ސެޕްޓެންބަރު މަހުގެ 10 އަކުން 21 އަށް ބާއްވަން ހަމަޖެހިފައިވާ ” 42 ވަނަ، ކިންގ ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާން” މުބާރާތުގެ ބައިވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑުއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މިއަދު މި ބައިވެރިންނާއި، ބައިވެރިންގެ ބެލެނިވެރިންނާއި ބައްދަލުކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން 6 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަސްގެންދިޔަ އޮޑިޝަންއަކުންނެވެ. މި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
މި މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2022 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!