ހއ ދިއްދޫ ކައުންސިލުން މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ފުޓުސަލް މުބާރާތް މިއަހަރު ދެން ނުބޭއްވުމަށް އެކައުންސިލުން ނިންމައިފިއެވެ.

ދިއްދޫގައި މި އަހަރުގެ ފިތުރު ޢީދުގައި ބޭއްވި ފުޓްސަލް މުބާރާތް ވަކި ހިސާބަކުން މައްސަލަޖެހި މުބާރާތް ހުއްޓާލަން ޖެހިފައިވާތީ، އަލުން ފުޓްސަލް މުބާރާތެއް މި އަހަރުގެ ނޮވެންބަރުމަހު ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް މިއަހަރު ބޭއްވި ކުޅިވަރު މުބާރާތްތަކަށް ކައުންސިލުން ބޮޑެތި ޚަރަދުތަކެއް ހިނގާފައިވާތީވެ ކައުންސިލުން ވަނީ ނޮވެމްބަރު މަހު ބާއްވަން ނިންމި ފުޓްސަލް މުބާރާތް ނުބާއްވާގޮތަށް ނިންމާފައެވެ.

Ad
rt

ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ކުޅިވަރު މުބާރާތްތަކަށް ކައުންސިލުން ބޮޑެތި ޚަރަދުތަކެއް ހިނގާފައި ވާތީ، މިހާރުގެ މާލީ ޙާލަތަށް ބަލައި މިއަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް މުބާރާތް ނުބާއްވާގޮތަށް އެ ކައުންސިލުން ނިންމާފައިވާތީ އެކަން އާންމުކޮށް އަންގާ އިޢުލާން ކުރާކަމަށެވެ.

މިދިޔަ ފިތުރު އީދުގައި ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގައި ކުޅުނު މެޗެއް ހޫނުވެ ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި ދަނޑުގައި އަޅާފައިވާ ޓާފް ވެސް ވަނީ ހަލާކުކޮށްލައިފި އެވެ. މީގެ އިތުރުން މެޗް އޮފިޝަލުން ތިބޭ ބެންޗަށް ވެސް ވަނީ ގެއްލުންތަކެއް ދީފަ އެވެ.

އެ ހަމަނުޖެހުމުގެ ވީޑިއޯއިން ފެންނަ ގޮތުގައި ތަޅާ ފޮޅުން ފުރަތަމަ ފެށުނީ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގަ އެވެ. އެއާ އެކު ސަޕޯޓަރުން ވެސް ދަނޑަށް އަރައި ބޮޑު ތަޅާފޮޅުމަކަށް ބަދަލުވި އެވެ. އެކަން ހުއްޓުވަން ފުލުހުންގެ އިތުރުން ބައެއް ސަޕޯޓަރުން މަސައްކަތްކުރާ ތަން ވެސް ފެނެ އެވެ.