އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

އެ މައުލޫމާތު ލިބުމާއެކު އެކަން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ވެސް ފުލުހުން އެދިވަޑައިގަންނަވައެވެ.

''މިފަދަ މައްސަލަތައް ރިޕޯޓު ކުރައްވަން އަޅުގަނޑުމެންގެ އޮންލައިން ކްރިމް ރިޕޯޓިންގ ޕޯޓަލް https://police.gov.mv/crimereport ބޭނުން ކުރެއްވިދާނެ، ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވާ!'' ފުލުހުން ވިދާޅުވެފައެވެ.

ފުލުހުން މިގޮތަށް އިލްތިމާސް ކުރެއްވިއިރު، ސްކޭމް މެސެޖްތަކާއި، ކޯލްތައް ކޮށްގެން އޮޅުވާލައިގެން މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުން ވަނީ އިތުރުވެފައެވެ.

މިފަދަ މައްސަލަތައް އިތުރުވެފައިވާއިރު ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް މީގެ ކުރިން ވަނީ އެތަންތަނުގެ ނަމުގައި މިފަދަ މެސެޖުތަކާއި ކޯލުތައް ކުރާތީ ސަމާލުވާން އެދިފައެވެ. އޭގެ ތެރޭގައި އެޗްޑީސީ އާއި ބައެއް ބޭންކްތައް ހިމެނެއެވެ.