ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ށ. އަތޮޅުގައި ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ މިދިޔަ މަހުގެ 30 ގައި މި ހިދުމަތް ށ އަތޮޅުގައި ފަށާފައެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް މި ޚިދުމަތް ދެމުން އައީ ޓެސްޓް ދަތުރުތަކުގެ ގޮތުގައެވެ.
މިއީ އެމްޓީސީސީން ހިލޭ ކުރި ދަތުރުތަކެވެ. ނަމަވެސް ރަސްމީކޮށް ދަތުރު ފެށުމާއެކު އަގު ނަގާނެއެވެ.
އެ ކުންފުނިން އާރްޓީއެލްގެ ހުރިހާ ޚިދުމަތެއްވެސް ފެށުމުގެގޮތުން، ރޫޓުތަކާއި ޝެޑިއުލްތަކަށް ރައްޔިތުން އަހުލުވެރިކުރުމުގެގޮތުން ހިލޭ ދަތުރު ކުރެއެވެ
މި ހިދުމަތަށް މިއަދުން ފެށިގެން އަގު ނެގި ނަމަވެސް 3 އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ދަފްތަރުގައި ހިމެނޭ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަދިވެސް ހިލޭ ދަތުރުކުރެވޭނެއެވެ.
އާރްޓީއެލްއިން ށ އަތޮޅުގެ 7 ރޫޓެއްގައި ފެރީގެ ޚިދުމަތް ދޭނެއެވެ. އެއީ ބިލެތްފަހި-ކުޅުދުއްފުށި ސިޓީ ރޫޓާއި، ބިލެތްފަހި-ފުނަދޫ ރޫޓާއި، ނޫމަރާ-ބިލެތްފަހި ރޫޓާއި، ކަނޑިތީމު-ބިލެތްފަހި ރޫޓާއި، ފީވަށް-ފުނަދޫ ރޫޓާއި، ފުނަދޫ-ކުޅުދުއްފުށި ސިޓީ ރޫޓާއި، މަރޮށި-ފުނަދޫ ރޫޓެވެ. މި ދަތުރުތަކުގައި 4 ފެރީއެއް ބޭނުންކުރާނެއެވެ.
އެމްޓީސީސީން ބުނީ، ރަސްމީކޮށް މި ދަތުރުތައް ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލާފައިވާކަމަށެވެ. މި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ޓިކެޓް ބުކްކުރަންޖެހޭނީ އެމްޓީސީސީން އެކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. ކިޔުއާރް ޓިކެޓް ނަގާނެގޮތުގެ މައުލޫމާތު އާރުޓީއެލްގެ ޔޫޓިއުބް ޗެނަލާއި ސޯޝަލް މީޑިއާއިން ލިބޭނެއެވެ.
ށ އަތޮޅުގައި އާރްޓީއެލް ފެރީ ދަތުރުތައް ރަސްމީކޮށް ފެށުމާއެކު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ދަށުން، ޒޯން 1ގައި ހިމެނޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ދޭން މިހާރު ވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!