ހއ. އިހަވަންދޫގެ ގެއެއްގައި ވަކިން ހަދާފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެތަނަށް ގެއްލުން ވެއްޖެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ''ތިލަދުން'' އަށް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެގާރަ ޖަހާކަށް ހާއިރުކަމަށެވެ. އަދި އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ މެންދުރުފަހު އެކެއްޖަހާކަށް ހާއިރުކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

މި ހާދިސާގައި ރޯވެފައި ވަނީ، އެރަށު ނަލަ އައްސޭރި ގޭގައި ވަކިން ހަދާފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ގުދަނެއްގައެވެ. އެ ގުދަނަކީ ލަކުޑިފަދަ ތަކެތި ބަހައްޓާފައި ހުރި ތަނެކެވެ.

''ތިން ކޮޓަރި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައެއްނުވޭ'' ޞަބާޙް ވިދާޅުވިއެވެ.

އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައި ވަނީ ކައުންސިލާއި، އެރަށުގައި ތިއްބަވާ ފުލުހުންނާއި އަދި ރަށުގެ ރަށްޔިތުން ގުޅިގެން ކުރި މަސައްކަތުންކަމަށް ޞަބާޙް ފާހަގަ ކުރެއްވިއެވެ.

''މި ދަނޑިވަޅުގައި ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމާއި، ދެއްކެވި އެއްބައި ވަންތަކަމަށް ޝުކުރު ދަންނަވަން'' ޞަބާޙް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކައުންސިލުން ވަނީީ ގެއްލުން ލިބުނު ގޭގެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ފުލުހުންނާއި ގުޅިގެން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް، މި ތަނަށް ލިބުނު ގެއްލުމުގެ މައުލޫމާތު ފޮނުއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.