ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި އެޗްޑީސީން ވަނީ އެ ކުންފުނީގެ މުނިސިޕަލް ޕޯޓަލާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ.

Ad
rt

އެޗްޑީސީން ބުނީ މި މައުލޫމާތު ސެޝަނުގެ ބޭނުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް އެފަދަ ޕޯޓަލެއް ހަދައި ޚިދުމަތް ދޭން ފެށުން ކަމަށެވެ. މި ޕޯޓަލްގެ ސަބަބުން ޙިދުމަތް ދިނުމުގައި ފަސޭހަވެ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީގެ މުނިސިޕަލް ޕޯޓަލަކީ “މައި ހުޅުމާލެ ޕޯޓަލް” އެވެ. މިއީ އެޗްޑީސީން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށާއި އެ ކުންފުންޏާ މުއާމަލާތުކުރުމަށް ފަސޭހަ ގޮތެއް ހޯދައިދިނުމަށް ހަދާފައިވާ ޕޯޓަލެކެވެ.

އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތަކަށް ވެސް މި ޕޯޓަލް އިން ހުށަހެޅޭނެއެވެ. އެ ހިދުމަތްތަކުގެ މައުލޫމާތުތަކުގެ އަޕްޑޭޓްތައް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް އެނގޭނެއެވެ.

އެޗްޑީސީން ދޫކުރާ ހުއްދަތައް ޕްރިންޓްކުރެވޭ ގޮތަށް ޑިޖިޓަލްކޮށް މި ޕޯޓަލް އިން ލިބޭނެއެވެ. އަދި ހުރިހާ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އާންމުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ނުވަތަ ކަންބޮޑުވުންތައް ވެސް ހުށަހެޅޭނެއެވެ.

މި ޕޯޓަލްގައި ހުޅުމާލޭގެ ތަފްސީލް ޗާޓެއް ވެސް ހިމެނެއެވެ.