އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ލީޑްސްއިން ކާމިޔާބު ކޮށްފިއެވެ. ލީޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ލީޑްސްއިން ޕްރެސް ކޮށްގެން ކުޅެފައިވާއިރު، އެ ޓީމުގެ ޕްރެސިން ގޭމްގެ ސަބަބުން ޗެލްސީއަށް ދިޔައީ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންސުން އެ ޓީމްގެ ކީޕަރ މެންޑީއަށް ކުޅުނު ބޯޅަ، މެންޑީއަށް ކުރިއަށް ފޮނުވައި ނުލެވެނީސް ލީޑްސްގެ އާރޮންސަން ވަނީ އެ ބޯޅަ އަތުލައި ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑްސްއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ހެރިސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޯ މޮރޭނޯއެވެ.
މެޗުގައި ލީޑްސްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި މޮރޭނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖެކް ހެރިސަންއެވެ.
މި މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރ ކަލިދޫ ކުލިބާލީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާފައެވެ.
މި މޮޅާއިއެކު ލީޑްސް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ 7 ޕޮއިންޓެވެ. މިވަގުތު ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން 9 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ އާސެނަލްއެވެ.
މިއީ 2002 ގެ ޑިސެމްބަރު މަހު ލީޑްސް އިން 2-0 އިން ޗެލްސީ ބަލިކުރި ފަހުން، އެ ޓީމުން ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކުރި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!