ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގެ މައްސަލަ އޮއްބާލައި އެކަމުގައި ހިމެނޭ ކަންތައްތަކެއް ސިއްރުކުރަން އުޅޭ ކަމަށް އެމަނިކުފާނު ތުހުމަތުކުރައްވައިފިއެވެ.
ކުރިއަށް 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ވާ ތައްޔާރީތަކުގެ ތެރެއިން ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކުރުމަށް މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ތެރޭގައި ވެސް އިންތިހާއަށް ކޮރަޕްޝަން އެބައޮތް ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލަ މިހާ ދިގުލައިގެން އެދަނީ ވެސް ސަރުކާރުގެ މީހުން އޭގެ ތެރޭގައި ހިމެނޭތީ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
''ކީއްވެގެންތޯ ހިޔާނާތުގެ މޭސްތިރިންނަށް ހިމާޔަތް އެ ދެނީ، ކޮން ބަޔެއްގެ ނަން އެމްއެމްޕީއާރުސީގެ ލިސްޓު އޮވެގެންތޯ މީތި މާ ބޮޑަށް މި ސިއްރު ކުރަނީ،'' ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަންކަން ސިއްރުކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ކޮންމެވެސް އެއް ދުވަހަކުން ރައްޔިތުންނަށް އެކަން ހާމަވާނެ ކަމަށެވެ.
މި ސަރުކާރުގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަންގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެންމެ ބޮޑުކަމަކީ ސެޓްލްމަންޓް އެގްރީމަންޓުތަކެވެ. އެއީ މި ސަރުކާރަށް އާންމުންގެ ފާޑުކިޔުން ވެސް ވަރަށް ބޮޑަށް އަމާޒުވިކަމެކެވެ. އެގޮތުން މީގެ ކުރިން އެކި މަޝްރޫއުތައް ހިންގުމަށް ހަދާފައިވާ އެއްބަސްވުންތައް އުވާލައި ކޯޓު މަރުހަލާގެ ބޭރުން އެއްބަސްވެ ވަކި އަދަދެއް އެ ކުންފުނިތަކަށް ދިނުމަކީ ރަނގަޅު އުސޫލެއް ނޫން ކަމުގައި ގިނަ ބަޔަކު ދެކުނެވެ. ރައީސް ޔާމީން ވެސް ވިދާޅުވީ އެއީ ސަރުކާރުގެ ތެރެއިން ވަކި ބަޔަކަށް ފައިދާވާގޮތަށް "ޖީބު ބޮޑުކުރަން" ހިންގާ ޚިޔާނާތުގެ މަކަރުވެރި އަމަލެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!