ކާނިވާ ސަރަހައްދުގައި ގައު އެތުރަމާއި ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަކާ ގުޅުމެއްނެތް ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްގެ ވެހިކަލްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަަމަށް ތުހުމަތުކޮށް ފޮޓޯތަކަކާއެކު އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ނައިބު ރައީސް ހުސައިން ޝިފާއު މިއަދު ވަނީ ޓްވީޓެއް ކޮށްފައެވެ.

Ad
rt

ޝިފާއުގެ ޓްވީޓްގައި ހިމެނޭ ފޮޓޯތަކާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ސިޓީގައި މިނީބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން މަޖީދީ މަގުގައި ޕާކު ކުރުން މާނާކުރުމާއި ގުޅިގެން، މާލެ ސިޓީ ކައުންސިލުން ސަރުކާރުގެ އެދުމުގެ މަތިން، ހ. މުނިއުފާ ކުރިމަތީ އޮންނަ ޕާކިން ޒޯން ކާނިވަލަށް ބަދަލުކުމުގެ މަސައްކަތުގެ ތެރެއިން، އެތާނގައި ގައު އެތުރުމުގެ މަސައްކަތް ކުރެވެން އޮތީ އެތަން ހުސްކޮށްގެން ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީ އަކުން ޖަލްސާއެއް ބޭއްވުމަށް ކާނިވަލް ސަރަހައްދު ހުސްކުރި ވަގުތުގައި އެތަނުގައި ގައު އެތުރުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

''އެ މަސައްކަތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އެދުމުގެ މަތިން ކުރަމުން އަންނަ ކަމެއް ނޫންކަން ފާހަގަ ކޮށްލަމެވެ. އެސަރަޙައްދުގައި ސިޓީ ކައުންސިލުން ހަމަ އެކަނި ގާ އެތުރުން ފިޔަވައި ސިޓީ ކައުންސިލްގެ އެއްވެސްވެހިކަލެއް ބޭނުން ކޮށްގެން އެހެން ކަމެއްވެސް ކޮށްފައި ނުވާނެކަން މަޢުލުމާތައްޓަކައި ދަންނަވާލަމެވެ.'' ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

‎މާލެސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ، އެ ކައުންސިލްގެ މުއައްޒަފުނާއި ވަސީލަތްތައް ބޭނުންކޮށްގެން ގަވައިދާއި ޚިލާފަށް ވަކިބަޔަކަށް މަންފާވާގޮތަށް އެއްވެސް ޙިދުމަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށެވެ.