ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފަތުރަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބިދޭސީ ފިރިހެނަކާއި އެކު ދިވެހިން އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މި ފަހުން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކި ދުވަސް މަތިން މިފަދަ އެކި ވީޑިއޯ އާންމުކުރާއިރު، މި ވީޑިއޯތަކުން ފެންނަ މީހުން ކަމަށް ތުހުމަތުވާ މީހުންގެ ވަނަަރު ވެސް ބައެއް މީހުން އަންނަނީ އާންމުކުރަމުންނެވެ.

Ad
rt

އެކަމާ ގުޅިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ބުނީ އެފަދަ ވީޑިއޯތައް ދައުރުކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި، އޭގެން ފެންނަ މީހުންކަމަށް ތުހުމަތުކޮށް މީހުންގެ ފޮޓޯއާއި ވަނަވަރު އާންމުކުރުމަކީ ބައެއްގެ އަބުރާއި ކަރާމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި އެއީ އާއިލާތަކާއި މުޖުތަމައުގައި ހަމަނުޖެހުމާއި ފިތުނަފަސާދަ އުފެދި، އާއިލާތައް ރޫޅި ދިއުމުގެ ފުރުސަތު ފަހިވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މި ވީޑިއޯތަކުން ފެންނަ އަމަލުތަކުގެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ އިރު އެޗްއާރްސީއެމް އިން ބުނީ، މި ވީޑިއޯތައް އާންމު ކުރުމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

މީގެ އިތުރަށް މިފަދަ ވީޑިއޯތައް އާންމުކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ކުޑަކުދިން ވެސް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމަށް ވުމުން، އުމުރާ އެކަށީގެންނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ދަނީ ހުށަހެޅުމުންނެވެ.

އެހެންކަމުން މިއީ ރައްކާތެރިކަމާ އެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.