ކޯވިޑް-19 ބަލިން ދިފާއުވުމަށްޖަހާ ވެކްސިން އެމެރިކާ އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެމެރިކާއިން ހަދިޔާކޮށްފައި ވަނީ 99,450 ޑޯޒް ވެކްސިނެވެ.

Ad
rt

މި ވެކްސިން ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ހެލްތު މިނިސްޓްރީގެ އޮތް ރަސްމިއްޔާތެއްގައެވެ.

އެމެރިކާގެ ސަރުކާރުގެ އެހީގައި ހިންގާ ޔޫއެސްއެއިޑްގެ ފަރާތުން ގައުމުތަކަށް ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް އދ. އިން ގާއިމްކޮށްފައިވާ "ކޮވެކްސް" ފެސިލިޓީ މެދުވެރިކޮށް ފޯރުކޮށްދިން މި އެހީތެރިކަމުގެ ދަށުން ރާއްޖެއަށް ހަދިޔާކުރި މި ވެކްސިންގެ ތެރޭގައި ހިމެނެނީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނެވެ.

އެ ގައުމުން މިއަހަރުގެ ޖެނުއަރީ މަހުވެސް ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފަވެއެވެ. ފައިޒާ ވެކްސިންގެ 210،000 ޑޯޒެވެ.

ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ''ކޯވިޑް-19 ދިފާޢު'' ރާއްޖޭގައި ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޑރ. ޝިރާނީ އަށެވެ.

ރާއްޖޭގައި ފުރަތަމަ ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. އިންޑިއާ އިން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ވެސް އެ ގައުމުން އެއް ލައްކަ ޑޯޒް ވެކްސިން ހަދިޔާކުރިއެވެ.

މީގެ އިތުރުން ޗައިނާއިން ވެސް ވަނީ 200،000 ޑޯޒްގެ ސިނޯފާމް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ދިވެހި ސަރުކާރުން ވެސް ވެކްސިން ގަނެ ރައްޔިތުންނަށް ދީފައިވާއިރު ބައެއް އަމިއްލަ ފަރާތްތަކުންވެސް ވަނީ ވެކްސިން ހަދިޔާކޮށްފައެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 184،591 މީހެކެވެ. އެހާތަނަށް މި ބަލީގައި 307 މީހަކު ރާއްޖެއިން ނިޔާވެފަވެއެވެ. އަދި 8 އޯގަސްޓްގެ ނިޔަލަށް ރާއްޖޭގައި 399،025 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް، 384،787 މީހަކު ދެވަނަ ޑޯޒް ޖަހާފަވެއެވެ. 166،064 މީހަކު ބޫސްޓާ ފުރަތަމަ ޑޯޒް އަދި 973 މީހަކު ބޫސްޓާ ދެވަނަ ޑޯޒް ޖަހާފަވެއެވެ.