ތިލަދުންމަތި ދަތުރުގެ ނަމުގައި ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ދަރުސް ޕްރޮގްރާމެއްގެ ދަށުން ފުރަތަމަ ޕްރޮގްރާމް މިރޭ ހއ. އިހަވަންދޫގައި ކުރިއަށް ދާނެއެވެ.

މި ޕްރޮގްރާމް ތަކަކީ، އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީ ޖަމްޢިއްޔާ އިސްވެ އޮވެ ޖަމްޢިއްޔަތުއް ސަލަފް އަދި ތިލަދުންމަތީގެ ބައެއް ޖަމްޢިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

އިހަވަންދޫގެ ޖަމިއްޔާއެއްކަމުގައިވާ ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގެ ކޯޑިނޭޓަރ ހުސައިން ސާލިމް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ތިލަދުންމަތި ދަތުރުގެ މަޤުޞަދަކީ، ތިލަދުންމަތީ ރަށްތަކުގައި އިސްލާމީ ދަޢުވަތު ފުޅާކުރުމާއި ދޭދޭ ފަރުދުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުން އަދި ހުރިހާ ރަށްތަކެއް ގުޅިގެން އިސްލާމީ ވަޙުދަތު ފެތުރުމެވެ.

މި ޕްރޮގްރާމް މިރޭ އިހަވަންދޫގައި ފަށާއިރު މިރޭ ކުރިއަށް ގެންދާނީ ހާއްސަ ފޯރަމެކެވެ. މި ފޯރަމްގެ މައުލޫއަކީ "މަގޭ ދީން" އެވެ. މި ފޯރަމް ހުށަހަޅުއްވައިދެއްވާނީ ހއ. ތަކަންދޫއަށް ނިސްބަތްވާ މަޝްހޫރު ނޫސްވެރިޔާ އަހްމަދު ހަމީދު އާދަމެވެ. މި ފޯރަމްގައި މައުލޫމާތު ދެއްވާ ޢިލްމްވެރިންނަކީ އައްސައިޚް އިބްރާޙިމް ރާފިޢު އަދި އައްޝައިޚް މުޖުތަބާ ހަމީދެވެ.

އިހަވަންދޫ އޯޕަން ސްޓޭޖް ސަރަހައްދުގައި ކުރިއަށްގެންދަން ނިންމާފައިވާ މި ފޯރަމް ފެށޭނީ މިރޭ 20:30 ގައެވެ.

މި ޕްރޮގްރާމް ހއ. އަތޮޅުގައި ކުރިޔަށްދާނީ މިރޭން ފެށިގެން މި މަހުގެ 28 އަށެވެ. ހދ. އަތޮޅުގެބައި ކުރިޔަށް ގެންދިއުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައެވެ.

މި ޕްރޮގްރާމްގައި އިވެންޓްތައް ކަނޑައަޅާނީ އިވެންޓް ކުރިޔަށްދާ ރަށުގެ އިންތިޒާމް ކޮމެޓީންކަމަށް ޔުނިޓީގެ ފަރާތުން މަޢުލޫމާތު ދެއްވި އެވެ.