1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްރޫޕް މާދަމާ ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. މިގޮތުން ފުރަތަމަ ފްލައިޓް އަންނާނީ މާދަމާއެވެ. މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނާނެއެވެ.

Ad
rt

ހައްޖުވެރިން ގޮވައިގެން އަންނަ ދެވަނަ ފްލައިޓް އަންނާނީ މި އަންނަ ހޮނިހިރު ދުވަހުއެވެ. މި ފްލައިޓުން 175 ޙައްޖުވެރިން އަންނާނެއެވެ. އަދި ފަހު ފްލައިޓް އަންނާނީ އަންނަ ބުދަ ދުވަހުއެވެ. މި ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.

މި ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިފަހަރު ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާ މީހުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ސަރުކާރުން ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު، އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ހައްޖުވެރިއަކު އަމިއްލައަށް ކަމަށް ވެސް ވިދާޅުވެއެވެ.

މާލެއިން ހުޅުމާލެއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ވަޑައިގެންނެވުމަށް ވެހިކަލްތައް ހަމަޖައްސާފައިވާއިރު، އެގޮތުން މި ހަތަރު ސަރަހައްދުންވެސް ހެނދުނު 9:45، 10:00، 10:15، އަދި 10:30ގައި ބަސްތައް އޮންނާނެއެވެ.

އެއަރޕޯޓުން ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ބަސްތައް އޮންނާނީވެސް މި ހަތަރު ސަރަހައްދުގައި، މެންދުރުކުރި 11:00، 11:15، 11:30، 11:45، އަދި 12:00 އަށެވެ.

މިދަތުރުތައް ހަމަޖެހިފައިވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަ ކުރަށްވާފައެވެ.

މީގެ އިތުރުން ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ހަމަޖައްސާފައިވާއިރު، އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުއެވެ.