އިނގިރޭސިވިލާތަށް އާދަޔާއި ހިލާފަށް ހޫނުގަދަވާނެކަމަށް ލަފާކޮށް ރަތް އިންޒާރު ނެރެ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފި އެވެ.
އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މެޓް އޮފީހުން ވަނީ ފުރަތަމަ ފަހަރަށް އެގައުމުގައި ރަތް އިންޒާރު ނެރެފަ އެވެ. އެންމެ ހޫނު ގަދަވާނެކަމަށް ލަފާކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.
މީގެ ކުރިން އިނގިރޭސިވިލާތުގައި އެންމެ ހޫނު ގަދަވެފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ 38.7 ސެލްސިއަސް (101.6 އެފް) އެވެ. ނަމަވެސް އެކަން ފަހަނައަޅައި ދާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހު ކަމަށާއި، އިނގިރޭސިވިލާތުގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް (104 އެފް) އަށް އަރާނެ ކަމަށް ވެއެވެ. އެންމެ ހޫނު ގަދަ ވާނެ ކަމަށް ލަފާކޮށްފައިވަނީ ލަންޑަން އަށެވެ.
"މި ދެދުވަހު ރޭގަނޑު ވެސް ހާއްސަކޮށް އާބާދީ ބޮޑު ސަރަހައްދުތަކުގައި ޚާއްސަކޮށް ހޫނު ގަދަވުން އެކަށީގެންވާ،"
އެގައުމުގެ މެޓް އޮފީހުގެ ޗީފް މީޓިއޮރޮލޮޖިސްޓް ޕޯލް ގަންޑަސަން ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.
ޕޯލް އިތުރަށް ވިދާޅުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންނާއި އިންފްރާސްޓްރަކްޗާއަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެހެންކަމުން މުހިންމީ މީހުން ހޫނަށް ހޭނި އެމީހުންގެ ރޫޓިން ބަދަލުކުރުމަށް ވިސްނުންކަމަށެވެ. މި މިންވަރަށް ހޫނުވުމުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށްވެސް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ދުނިޔެއަށް ކުރިމަތިވަމުންދާއިރު ކުރިއަށް އޮތް ގަރުނުގައި މިފަދަ ހޫނު ރާޅުތަކުގެ ފްރީކުއެންސީއާއި ބާރުމިނާއި މުއްދަތު އިތުރުވާނެ ކަމަށް ސައިންސްވެރިން އަންނަނީ އިންޒާރު ދެމުންނެވެ.
"އަޅުގަނޑުމެން އުންމީދު ކުރީ މި ހާލަތަށް ނުދެވޭނެ ކަމަށް އެކަމަކު ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ލަފާކުރަނީ އިނގިރޭސިވިލާތުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ ހޫނުމިން މަތިވާނެ ކަމަށް،"
މެޓް އޮފީހުގެ ކްލައިމެޓް އެޓްރިބިއުޝަން ސައިންސްވެރިޔާ ޑރ.ނިކޯސް ކްރިސްޓިޑިސް ވިދާޅުވި އެވެ.
މިއީ ނުރައްކާތެރި ހޫނަކަށްވާ ސަބަބަކީ އެގައުމުގެ ރައްޔިތުން މިފަދަ ހޫނަކަށް ހޭނިފައި ނުވާތީ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ހޫނު ގަދަވެފައިވާއިރު މިދިޔަ ހަފްތާ ބަންދުގައި ފްރާންސް، ޕޯޗުގަލް އަދި ސްޕެއިންގެ ޖަންގަލިތަކުގައި ވަނީ އަލިފާން ރޯވެފަ އެވެ.
ފްރާންސްގެ ދެކުނާއި ސްޕެއިންގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދަން މަޖުބޫރުވެފައިވާއިރު، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ޕޯޗުގަލް އާއި ސްޕެއިންގައި ހޫނު ގަދަވުމާ ގުޅިގެން 1000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުތަކުގެ ހެލްތު މިނިސްޓްރީތަކުން ހާމަކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!