މޫސުން ތަންނުދިނުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގައި މިއަދު ހަވީރު 16:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަށިމާލި ޕެރޭޑް ކެންސަލް ކޮށްފި އެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މި ޕެރޭޑް ދެން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ. ބައިވެރިވާ މާލިތައް 08:30 އަށް ޖަލާލުއްދީން ކުރިމައްޗަށް ދިއުމަށް އެކައުންސިލުން އެދެއެވެ.
މިއަހަރުގެ މަށިމާލި ޕެރޭޑްގައި ސަމާލުކަން ދޭންވީ ކަންކަން ސިޓީ ކައުންސިލުންވަނީ ބައިވެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމް ދީނާ ފުށުނާރާ މާލިތަކެވެ. މާޅިތައް ހުންނަންވާނީ އާންމު އިޖްތިމާއީ މިންގަނޑަށް ފެތޭގޮތައް އަދި މީހުންގެ ފޮޓޯ އާއި ނަން ބޭނުން ކުރުމަކީ މަނާކަމެއްކަމަށާއި އެފަރާތެއްގެ މާއްޔަކަށް ޒިންމާވާން ޖެހޭނީ އެތައްޔާރުކުރާ ފަރާތަކުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ޖަލާލުއްދީން ސުކޫލް ސަރަހައްދުންނެވެ. ބޮޑު މަގުގެ އަފީފިއްދީން ސުކޫލް އާއި ހަމައަށް ދިއުމަށްފަހު ނިންމުމަށް ހަމަޖެހިފައިވަނީ ވެސް ޖަލާލުއްދީން ސުކޫލް ސަރަހައްދުންނެވެ.
ޕެރޭޑްގެ އިތުރުން މާދަމާ ކުރިއަށްދާނެ ހަރަކާތަކީ ބޮޑުފައިވާން ހިނގުމެވެ. 12 ވަނަ ދުވަހު ހިއްޗަށް ވަޑައިގަތުމާއި ދަމުހިނގުން ކުރިއަށް ދާނެއެވެ. ދަމުހިނގުން ކުރިއަށްދާނީ އެރޭ 20:45 ގައި ވެލިގަނޑު ސްޓޭޖް ސަރަހައްދުގަ އެވެ. ކަދާ މާލި، ކޯރިގަނޑު މާލި، މުގުރުގަނޑު މާލި، ހަތްބޯރާހި، ހަންޑިގަނޑާރަ ފަދަ މާލިތައް މިހަރަކާތުގައި ފެނިގެން ދާނެއެވެ. މީގެ އިތުރުން ކަނބުރުވެރިކަން، ވަޑާންކުރުންފަދަ މަސައްކަތްތެރިކަން ދައްކުވައިދޭ މާލިތައްކަށްވެސް ބައިވެރިވެވޭނެ އެވެ. ނަމަވެސް ދަމުހިނގުމުގެ ސަގާފަތާއި ނުގުޅޭ މާލިތައް ބައިވެރިވުން ވަނީ މަނާކޮށްފަ އެވެ.
މިފަހަރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ހަރަކާތްތަކަށް ދީފައިވަނީ ތަފާތު ނަންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންދު ދުއްވުމާއި ރާނީ ހިނގުމާއި މަށިމާލި ޕެރޭޑާއި ބޮޑު ފައިވާން ހިނގުން އަދި ހިއްޗަށްވަޑައިގަތުން ކަހަލަ ހަރަކާތްތަކެވެ. އަދި އީދު ޝޯ، އާއި ވާދަމުން ފައިގަތަޅާ އަދި ވާދެމުން ކަހަލަ ހަރަކާތްތަކެއް ވެސް އެބަ އޮތެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު 13:30 އިން ފެށިގެން ހަވީރު 17:30 ހާއި ހަމައަށެވެ. މިވަގުތު ތަކުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުރުތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!