ސަމަރ ރިސޯޓުން ރ މީދުއަށް ދަތުރު ކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ރ.މީދޫއަށް ދަތުރު ކުރި "އަލިސް" ނަމަކަށް ކިޔާ ލޯންޗުގައި 33 މީހުން ދަތުރު ކުރިކަމަށެވެ.

Ad
rt

މި ލޯންޗުގެ އިންޖީނު އެރިޔަދޫ ރިސޯޓް ކައިރިން ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް އިއްޔެ އިރުއޮއްސި 1759 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ދަތުރުކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ "ވެލާނާ" އަށް އިންޖީނު ހުއްޓުނު ލޯންޗުގައި ތިބި 10 މީހަކު ރޭ 21:15 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ. މާލެ ގެނެވުނު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.