ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ހިންގި ހަރަކާތްތަކާއި ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފިއެވެ.

މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރަށްވާ މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްފައިވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.

Ad
rt

މުޙައްމަދު އިސްމާޢީލްގެ ބަންދަށް މުއްދަތު ޖަހަންކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ފަހަރު ކޯޓުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައެވެ.

އެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 9 ދުވަސް ދީފައެވެ.

އެހެންކަމުން މިއަދު އެ ނުވަ ދުވަސް ހަމަވުމުން ކޯޓަށް ގެންދިއުމުން އިތުރު 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ.

ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގުމުގައި މުހައްމަދު އިސްމާޢީލްގެ ބައިވެރިވުން އޮތްކަމަށް ފުލުހުން ތުހުމަތު ކުރާއިރު، އެ ދުވަހު ބޯޅަ ދަނޑު ސަރަހައްދަށް އެއްވި މީހުން ބޭނުންކުރި ބައެއް ތަކެތި ފޯރުކޮށްދިނީ އޭނާކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.

މުހައްމަދު އިސްމާއީލްގެ އިތުރު އެތައް ބަޔަކު މިމައްސަލައިގައި ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި މަޝްހޫރު ދެ ޢިލްމުވެރިންވެސް ހިމެނެއެވެ.