ފަތުރުވެރިކަމަށް ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވާ މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު، ޤާނޫނު ނަމްބަރު: 02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

Ad
rt

މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ޙިއްޞާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ޙައްޤުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްޞާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި، ކައުންސިލުތަކަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މި އިޞްލާޙުގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަޖެހެއެވެ.

އަދި މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި މި އިޞްލާޙުގައި ބަޔާން ކޮށްފައިވާ ގޮތަށް މި އިޞްލާޙް ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީޚުގެ ކުރިން ބަދަލު ކުރަން ޖެހެއެވެ. އަދި، އެފަދަ ތަންތަން ހިންގުމަށް މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމި އޮންނާނެ ކަމުގައި ވެސް ބިލުގައި ބަޔާން. ކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުންް ފެށިގެންނެވެ.