ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ލަތީފް މިއަދު އަވަހާރަ ވެފައިވަނީ އަވައްޓެރި ޝްރީލަންކާގައެވެ.
ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އަދި އޭނާ ސިޔާސީ ހަރަކާތްތަކުން ނުފެންނަތާ ވެސް މިހާރު ވަނާ ވަރަށް ގިނަ ދުވަސްތަކެއް ވެފައެވެ.
ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީއާއި ދައުލަތުގެ އިސް ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުންވެސް ގެންދަވަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ދަންނަވަމުންނެވެ.
މިގޮތުން އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމްޑީޕީގެ އެއް ފައުންޑަ މެންބަރު އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި މުހައްމަދު ލަތީފު އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާ އެކުގައި ކަމަށެވެ. އަދި މަރްހޫމަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފަވެއެވެ.
ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަތީފަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ދިމާވި ވަރަށް ހިތްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވި ބައިވެރިއެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަތީފަކީ އެމްޑީޕީ ވުޖޫދަށް ގެނެސް ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި އަގުނުކުރެވޭ ގުރުބާނީތަކެއްވި ހިތްވަރުގަދަ ދިވެހި ދަރިއެއް ކަމަށެވެ.
މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ލަތީފް ހިމެނިވަޑައިގަންނަވަނީ އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގަ އެވެ. މި މަސައްކަތުގެ ތެރެއިން ލަޠީފަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ ބޮޑެތި އަދަބުތަކެެއްވެސް ލިބިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!