ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކޮށްފިއެވެ.
މީޓިއޮރޮލޮޖިކަލް ސާރވިސްގެ މެޓް އޮފީހުން އިން ލަފާކުރާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ.
މި މުއްދަތުގައި، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މިރެއިން ފެށިގެން ހަފްތާ ބަންދާއެކު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި، ޢާއްމުކޮށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ބެލެވޭ އިރު ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމީ މައުލޫމާތަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެފައިވާތީ، މިއަދު ވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޔެލޯ އަދި ވައިޓް އެލާޓްވެސް ނެރެފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައުުގަދަވުން އެކަށީގެންވެއެވެ.
އަދި އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި އިތުރަށް ކަނޑުގަދަވުންވެސް އެކަށީގެންވެއެވެ. މީގެއިތުރުން ރާޅުގެ އުސްމިން ހުންނާނީ، ތިން ފޫޓާ ހަ ފޫޓާއި ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރާނެތީ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!