މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި، ބޮލްގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:

Ad
rt

މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39،

- މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30،

- ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ) 40،

މި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނެރުނީ މިއަދުއެވެ.

މީގެ ތެރެއިން އަހަނދުއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރިކޯޑާއި، ރާއްޖޭގައި ތިބި ދިވެހިން ހަނގުރާމައަށް ސީރިއާ އަށް ރެކްރޫޓްކުރާ ކަމަށް ތުހުމަތުވާ މީހެކެވެ.

މި މައްސަލާގައި ހައްޔަރުކުރި އިސޫ އަކީ ވެސް ހަމަ މިފަދަ މައްސަލަތަކުގެ ރިކޯޑު އޮތް މީހެކެވެ. އެގޮތުން ހަނގުރާމައަށް ފުރައިގެން ގޮސްފައި ވަނިކޮށް 2015 ވަނަ އަހަރު ތުރުކީން އޭނާ ހައްޔަރުކޮށް ޑީޕޯޓު ވެސް ކޮށްލިއެވެ. އެ މައްސަލާގައި ދައުވާކުރި ނަމަވެސް މައްސަލަ ކުރިއަށް ނުގެންދެވުނީ ތުރުކީން ދޭން ޖެހޭ ބައެއް ލިޔެކިޔުންތައް ނުލިބެތީއެވެ.

ރިލްވާންގެ މައްސަލަ ބެލުމަށް ފަހު މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވެސް އެކަމުގައި އިސޫގެ ބައިވެރިވުން އޮތް ކަން ހާމަކޮށްފައިވެއެވެ.

އެގޮތުން ރިލްވާން ގެއްލުމުގެ ކުރިން ބަޔަކު އޭނާ އަށް ފާރަލާފައިވާއިރު އެމީހުންގެ ތެރޭގައި އިސޫ ހިމެނޭ ކަމަށް ރިޕޯޓުގައިވެއެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސްކޮށްފައިވެ އެވެ.

ދެން ހައްޔަރުކުރި މުއާޒަކީ ވެސް ވައްކަމާއި އެފަދަ ޖިނާއީ ކުށްތަކުގެ ރިކޯޑު އޮތް މީހެކެވެ.