މިދިޔަ ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯތަކުގައި ފެންނަ ކަންކަމުގެ މައްސަލަ މިދިޔަ މާޗު މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭރުން ފެށިގެން ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އެކި ސިޔާސީ ފަރާތްތައް ކަމަށް ތުހުމަތުކުރާ ބައެއްގެ ބަރަހަނާ ފޮޓޯ އާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެފައިވާއިރު، މި ފޮޓޯ އަދި ވީޑިއޯތަކަކީ ބަޔަކު ރާވައިގެން ނަގާ އެއްޗެއް ކަމަށާއި އެ ބޭނުންކޮށްގެން ބްލެކްމެއިލްކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެއެވެ.

Ad
rt

އެގޮތުން އޭގެ ތެރެއިން ބައެއް ފޮޓޯ ވީޑިއޯގައި ފެންނަނީ އެއް ކޮޓަރިއެކެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް ނަގާފައި ހުންނަނީ ވެސް އެއްގޮތަކަށެވެ. މިކަމުގެ ތުހުމަތުގެ އިނގިލި އަމާޒުވެފައި ވަނީ އޭގެއިން ވީޑިއޯއަކުން ފެންނަ ބިދޭސީއަކަށެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ވީޑިއޯތަކުގެ މައްސަލައިގައި ބަޔަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގަމުން އަންނަ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުން ފަދަ މައްސަލަތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ހިމެނޭ ހުރިހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ. މިހާތަނަށް މި މައްސަލަތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ވިދާޅުވީ މީހުން ހައްޔަރުކުރުމަށް ބަލާނީ ގާނޫނީ ސަބަބުތަކަށް ކަމަށާއި ހައްޔަރުކުރަންޖެހޭ ހާލަތެއް ދިމާވެއްޖެ ނަމަ އެ މީހުން ހައްޔަރުކުރާނެ ކަމަށެވެ.