މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހދ.ވައިކަރަދޫ ކައުންސިލުން ކުށްވެރިކޮށްފި އެވެ.
އެ ޖަމިއްޔާގެ ފަރާތުން “ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި 2015 ވަނަ އަހަރު ނެރުނު މި ރިޕޯޓްގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށްފައިވާތީ މިއަދު އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ވައިކަރަދޫ ކައުންސިލުންނާއި އެރަށުގެ ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި ޖަމިއްޔާތަކުން ކުރާ މިފަދަ އަމަލު ތަކަކީ މުޅި އިސްލާމީ އުންމަތަށް ލިބިގެންދާ ނިކަމެތި ކަމަކަށް ވާހިނދު މި އަމަލު ހިންގާފައިވާ ފަރާތްތަކާއިމެދު މި ޖަމިއްޔާއާއި މި ކަމުގައި ބައިވެރިވި ހުރިހާފަރާތް ތަކަކާއި މެދު މިނިވަން ތަޙްޤީޤެއް ހިންގުމަށް ވެސް އެ ކައުންސިލުންވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ސަރުކާރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބައްލަވާ، މި ކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކުރަމުން ގެންދަވާ އިހްލާސްތެރި މަސައްކަތް އެ ކައުންސިލުން ވަނީ ފާހަކޮށްފައެވެ.
ހަމައެއާއެކު މިގޮތަށް ނުރުހުން ފާޅުކޮށް ގޮވާލާ ގޮވާލުންތަކަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން ގޮވާލާ ގޮވާލުން ތަކަކަށް ހެދުމަށް އެކައުންސިލުން ވަނީ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.އެއާއެކު އިސްލަމްދީނުގެ ރުކުންތައް ފުރިހަމައަށް އަދަކުރުމަށް އެންމެހައި ރައްޔިތުންނަށާއި، ދަޢުލަތުންގެ ކަންކަމާ ޙަވާލުވެ ހުންނެވި އެންމެހާ ވެރިންނަށް އެފަރާތުން ވަނީ އިލްތިމާސް ކުރައްވާފައެެވެ.
އެމްޑީއެންގެ މި ރިޕޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން މިހާރު ފުލުހުންގެ ތަޙްޤީގަށް ހާޒިރު ކުރަން ފަށާފައިވާއިރު ގިނަ ކައުންސިލް ތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އެތައް ރައްޔިތުންނެއް ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ. ޔޫތު މިނިސްޓްރީން ވަނީ މައްސަލަ ތަހްގީގު ކުރަމުންދާތީވެ އެޖަމިއްޔާ ސަސްޕެންޑް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!