ސްޓެލްކޯ އިން އަދާކުރަމުންދާ ބޮޑު ޒިންމާ އަދާކުރުމުގެ ފަހަތުގައި އޮތީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަން ފާހަގަ ކުރަށްވައި، އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމެއްކަމަށް ވެސް އެ ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެކުންފުނީގައި އޮވެގެން ކަމަށެވެ. އަދި ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާކަން ފާހަގަ ކުރައްވަމުން ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށް ވިދާޅުވިއެވެ.

މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ސްޓެލްކޯއިން ފެނިގެންދާކަމަށް އެ މަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ސްޓެލްކޯއަކީ އިޖުތިމާޢީ ގިނަކަންކަންވެސް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވައި، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި އެފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށްވެސް ރައީސުލްޖުމުހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސްޓެލްކޯގެ ރޫފްޓޮޕް ސޯލާ ހަކަތަ ޕްރޮގްރާމް އަވިކަތަ އިފްތިތާޙު ކޮށްދެއްވާފައެވެ.

1949 ވަނަ އަހަރު މާލޭގައި ކަރަންޓްގެ ޚިދުމަތްދޭން ފެށުނުއިރު، މާލޭގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ސަތޭކަ އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އުފައްދަވާފައި ވަނީ 1997 ވަނަ އަހަރުގައެވެ.