ސްޓެލްކޯގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކާ ދިމާލަށް ބަދަލުކުރަންޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ ސްޓެލްކޯއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ހެނދުނު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

އޭނާ ވިދާޅުވީ މިހާރު ސްޓެލްކޯ “ނޫކަށި” ޒުވާނަކަށްވެ, ރައްޔިތުންނަށް ދޭ ހިދުމަތް އެ ހިތްވަރާއެކު ދޭން ފަށައި، ކުންފުނީގެ މިސްރާބު ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކާ ދިމާލަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަސްޓަމަރު އޮރިއެންޓެޑް ކުންފުންޏަކަށް ސްޓެލްކޯ ބަދަލުކުރާ އިރު، އެ ކުންފުނީގެ ހުރިހާ ނިންމުންތަކެއްގެ އެންމެ ފުރަތަމަ މަސްލަހަތު އޮންނަންޖެހޭނީ ކަސްޓަމަރުންނަށް ކަމަށެވެ. އޭރުން އާންމުންގެ ތެރޭގައި މަގުބޫލު ކުންފުންޏަކަށް ސްޓެލްކޯ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީ ވިދާޅުވީ މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާއެކު ސިސްޓަމެޓިކް ގޮތެއްގައި ކަންކަން ރޭވިގެން ކަމަށެވެ. ދައުލަތުން އަދިވެސް ބޭނުންވަނީ އެ ކުންފުނިން ދޭ ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިހާރަށްވުރެ ރަނގަޅު ހިދުމަތަކަށް މާދަމާ ތައްޔާރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.